ގެތައް ނުނިމެނީސް ހިރިމަރަދޫ ފަޅު ރަށަކަށް ހެދުމުން ރައްޔިތުން "ވާނުވާ" ގައި: މައްސަލަ އެޗްއާރުސީއެމަށް

ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ގެތައް އަޅައި ނުދެވިގެން އުޅެނިސް، އެ ރަށަކީ ފަޅުރަށެއް ކަމަށް ކަނޑައެޅުމުގެ ސަބަބުން އެ ރަށުގެ 300 އަށްވުރެ ގިނަ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހުރޫމްވެ "ވާނުވާ" ގައި ތިބި މައްސަލަ އިދިކޮޅު އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅައިފިއެވެ.

ހިރިމަރަދޫއަކީ ފަޅު ރަށެއް ކަމަށް ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވާ ގޮތުން ހިރިމަރަދޫގައި މިހާރު އޮތް އާބާދީގެ ކަންތައްތައް ބަލަހައްޓަން ހަވާލުކޮށްފައިވަނީ ހަނިމާދޫ ކައުންސިލާއެވެ. ނަމަވެސް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ހިރިމަރަދޫ މީހުންގެ ހާލަތު ބަލަން ކުރި ފެކްޓް ފައިންޑިން މަސައްކަތްތަކުން އެނގިފައިވަނީ، ހަނިމާދޫ ކައުންސިލުން އެ ރަށުގެ ބެލެނިވެރިކަން އެދެވޭ ގޮތެއްގައި ބަލަހައްޓަމުން ނުދާ ކަމެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، ބެލެނިވެރި ފަރާތެއް ކަނޑައަޅާފައި އޮތް ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށާއި، 300 އަށްވުރެ ގިނަ ރައްޔިތުން އަދިވެސް އެ ރަށުގައި ދިރިއުޅެމުންދާތީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެޗްއާރުސީއެމްގައި އެދިފައިވާނެ ކަމަށެވެ.

ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް ކުރެއްވި ދަތުރުފުޅުގައި ވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން 18 މަސް ތެރޭގައި ހަނިމާދޫގައި ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގައި ވިދާޅުވީ، އެ މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ ދަތިތަކާ ކުރިމަތިކުރަމުންދާ ކަމަށެވެ. ހަނިމާދޫ ކައުންސިލުން ވަނީ އެ ރަށުން ހިރިމަރަދޫ މީހުންނަށް ބިން ދޭން އުޅޭ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.

އެމްޑީޕީން ފާހަގަކުރާ ގޮތުގައި 18 މަސްދުވަހުގެ ތެރޭގައި ހަނިމާދޫގައި ހައުސިން ޔުނިޓްތައް އަޅައި ނިންމުމަކީ ދެން ނުވާނެ ކަމެއްކަން މިހާރު ވަނީ ޔަގީންވެފައެވެ. އެހެންކަމުން، ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރެވެން ނެތް ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކޮށް، ހިރިމަރަދޫގައި އަލުން ކައުންސިލެއް އިންތިޚާބު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ހިރިމަރަދުއަކީ ހދ. އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.