މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެ އައި ފަތުރުވެރިން މަދުވެ، ޕްރައިވެޓް ޖެޓުތައް އިތުރުވެއްޖެ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށް، މި އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ އައި ފަތުރުވެރިންނާއި ކޮމާޝަލް ފުލައިޓުތަކުގެ އަދަދު ދަށަށް ހިނގައްޖެއެވެ. ނަމަވެސް ޝެޑިއުލް ފުލައިޓުތައް މަދުވި ނަމަވެސް، ޕްރައިވެޓް ޖެޓުތަކާއި ޗާޓަރު ފުލައިޓުތައް ރާއްޖެ އައި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަހު ބައިނަލްއަގުވާމީ ފުލައިޓުތައް ރާއްޖެ އައި މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.7 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 8،807 ފުލައިޓު ރާއްޖެ އައިއިރު، މި އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 8،393 ފުލައިޓެވެ. މިއީ ތާވަލުކުރެވިގެން ރާއްޖެ އައި ފުލައިޓުތަކުގެ އަދަދު 8،088 އިން 7،352 އަށް ދަށްވުމާ ގުޅިގެން އައި ބަދަލެކެވެ.
ވައިގެ ދަތުރުފަތުރު ދަށްވުމުގެ މައިގަނޑު ސަބަބަކީ ފެބްރުވަރީ މަހުގެ ފަހުކޮޅުން ފެށިގެން މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުންތަކެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ދުބާއީ، އަބޫދާބީ އަދި ގަލްފުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، އިއްތިހާދު އެއާވޭސް، އެމިރޭޓްސް އަދި ފްލައިދުބާއީ ފަދަ ބޮޑެތި އެއާލައިންތަކުގެ ގިނަ ދަތުރުތަކެއް ކެންސަލްކުރިއެވެ. ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ދުބާއީ ނުވަތަ އަބޫދާބީގައި ޓްރާންސިޓްކޮށްފައި އަންނަ މީހުން ކަމަށްވުމުން، މީގެ ސީދާ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ކޮށްފައެވެ.
ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 1.11 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، މި އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 1.05 މިލިއަން ފަތުރުވެރިންނެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ފަތުރުވެރިން ރާއްޖޭގައި އެވަރެޖުކޮށް ހަފުތާއެއްހާ ދުވަސް ހޭދަކޮށްފައިވެއެވެ.
ޝެޑިއުލް ދަތުރުތަކަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް، ޕްރައިވެޓް ދަތުރުތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ އައީ 719 ޖެޓާއި ޗާޓަރު ފުލައިޓު ކަމަށްވިޔަސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 1،041 އަށް އިތުރުވެފައެވެ.
