ބީއެމްއެލްއިން ބޭސްފަރުވާއަށް ދޫކުރާ ޑޮލަރު ތިން ގުނައަށް އިތުރުވެ، ޑޮލަރު ވިއްކި މިންވަރު 1.7 ބިލިއަނަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭސްފަރުވާއަށް މަހެއްގެ މައްޗަށް ދޫކުރާ ޑޮލަރުގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް ގޮސް، މިދިޔަ އަހަރާ އަޅައިބަލާއިރު ތިން ގުނައަށް އިތުރުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ބޭއްވި "އިގްތިސާދުގެ ދެފަރާތް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރެޓަޖީ މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުން ޑޮލަރު ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ބޭސްފަރުވާއަށާއި ތައުލީމީ ކަންކަމަށް ކަމަށެވެ.

ސައީދު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ބޭސްފަރުވާއަށް މަހަކު އެވްރެޖްކޮށް ދޫކޮށްފައިވަނީ އެއް މިލިއަން ޑޮލަރެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު ތިން މިލިއަން ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ. އަނެއްކޮޅުން ތައުލީމީ ދާއިރާއަށް ޑޮލަރު ދޫކުރި މިންވަރު ފާއިތުވި ތިން އަހަރުވެސް އުޅެނީ އެއްވަރެއްގައެވެ. އެގޮތުން 2023 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 3.8 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، 2024 ގައި ދޫކޮށްފައިވަނީ މަހަކު އެވްރެޖްކޮށް 3.6 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން ކާޑު މުއާމަލާތްތަކާއި ޓީޓީ ހެއްދުން ހިމެނޭހެން ބީއެމްއެލްއިން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 570 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.

ބޭންކުގެ ރެކޯޑުތަކުން ދައްކާގޮތުގައި 2024 ޖެނުއަރީން ޖޫންގެ ނިޔަލަށް ޖުމްލަ 1.7 ބިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައިވެއެވެ. މިއީ ޖުލައި 2021 އިން ޑިސެމްބަރު 2023 އާ ހަމައަށް ވިއްކާފައިވާ 957 މިލިއަން ޑޮލަރާ އަޅައިބަލާއިރު 77 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.