އާމްދަނީއަށްވުރެ ޚަރަދު ބޮޑުވެ، ދައުލަތް ހިންގަން 1.1 ބިލިއަން ރުފިޔާގެ ދަރަނި ނަގަނީ

ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެ މާލީ ބުރަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިގެން ދަރަންޏަށް ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ ތަފާތު ހަތަރު މުއްދަތެއްގައި އަނބުރާ ދައްކާ ގޮތަށް ހަތަރު ޓީބިލެއް ވިއްކުމަށް ހުޅުވާލާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިމެނެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 535 މިލިއަން ރުފިޔާގެ ޓީބިލްގައެވެ. މި ޓީބިލްގެ އިންޓްރެސްޓް ރޭޓަކީ 4.6 ޕަސެންޓެވެ. އެންމެ ކުރު މުއްދަތެއްގައި، އެއީ 28 ދުވަހުން އަނބުރާ ދައްކާ ގޮތަށް ވިއްކަނީ 3.5 ޕަސެންޓް އިންޓްރެސްޓާއެކު 265 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް 3.87 ޕަސެންޓް އިންޓްރެސްޓުގައި 55 މިލިއަން ރުފިޔާގެ ޓީބިލަކާއި، 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް 4.23 ޕަސެންޓް އިންޓްރެސްޓުގައި 255 މިލިއަން ރުފިޔާގެ ޓީބިލެއް ވެސް ވިއްކުމަށް ވަނީ އިއުލާންކޮށްފައެވެ. ސަރުކާރުން ވިއްކާ މި ޓީބިލްތަކަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ނަގާ ދަރަންޏަކަށްވާއިރު، އާންމު ގޮތެއްގައި މި ޓީބިލްތައް ގަނެ އިންވެސްޓްކުރަނީ ރާއްޖޭގެ ބޭންކުތަކާއި، ޕެންޝަން އޮފީހާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުންނެވެ.

ސަރުކާރުން އެތެރޭގެ ބާޒާރުން މިހާ ބޮޑު އަދަދެއް ދަރަންޏަށް ނަގާއިރު، ދައުލަތުގެ މާލީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ. ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޖުލައި މަހުގެ 23 ގެ ނިޔަލަށް ދައުލަތަށް 24.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޚަރަދުތައް ވަނީ 25.5 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. ޚަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތް ހިންގުމުގެ ރިކަރަންޓް ޚަރަދުތަކަށެވެ. އެގޮތުން ހަމައެކަނި މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 8.51 ބިލިއަން ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފައެވެ.

އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމުގެ އިތުރުން، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމުގެ ބުރަ ވެސް ދައުލަތަށް ވަނީ ބޮޑުވެފައެވެ. މި އަހަރު އެކަނިވެސް 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭއިރު، ޖުލައި މަހުގެ 23 ގެ ނިޔަލަށް ދަރަނި ދެއްކުމަށް 9.35 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ދައުލަތުގެ ޚަރަދުތައް، ޚާއްސަކޮށް އާސަންދައާއި ސަބްސިޑީތަކަށް ކުރާ ޚަރަދުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ގޮވާލާތާ އެތައް އަހަރެއް ވެފައިވީނަމަވެސް، ޚަރަދުތައް ކޮންޓްރޯލްކުރުމުގައި ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.