ވަގަށް އެތެރެކުރި ދެ ކިލޯގެ ރަން އަނބުރާ ދިނުމަށާއި ލަންކާ މީހާ މިނިވަންކުރަން ހައިކޯޓުގައި އެދެފި
ސިއްރުން ރާއްޖެއަށް އެތެރެކުރުމުން ދައުލަތަށް ނަގާފައިވާ ދެ ކިލޯގެ ރަން، އަލުން އަނބުރާ ހަވާލުކޮށް، އެ މައްސަލައިގައި ޖަލަށްލާފައި ހުރި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ސުލައިމްހާން މިނިވަންކޮށްދިނުމަށް އޭނާގެ ފަރާތުން ހައިކޯޓުގައި އެދެފިއެވެ.
މިއީ 2023 ވަނަ އަހަރު ދުބާއީއިން ރާއްޖޭގެ މަގުން ލަންކާއަށް ދަތުރު ކުރަނިކޮށް، އޭނާ ގެންދިޔަ ރަންތައް ދައުލަތަށް ނެގި މައްސަލައެވެ. މި މައްސަލައިގައި ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ސުލައިމްހާންގެ މައްޗަށް ކުރުމުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކޯޓުން ވަނީ އޭނާގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ރަންތައް ދައުލަތަށް ނެގުމަށް ހުކުމްކޮށްފައެވެ.
ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މި ލަންކާ މީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފަށާފައިވާއިރު، ވަކީލުގެ އިތުރުން ތަރުޖަމާނެއް ވެސް ބައިވެރިވި މި ޝަރީއަތުގައި އޭނާގެ ފަރާތުން ވަނީ މައިގަނޑު ފަސް ނުކުތާއެއް ހުށަހަޅާފައެވެ.
އޭގެ ތެރޭގައި، ރާއްޖޭގައި ރަން ރިފައިން ކުރެވޭނެ ގޮތެއް ނެތި އެއީ ވަކި އެއްޗެއް ކަމަށް ކޯޓުން ނިންމާފައިވާ ނިންމުމަށް ވަނީ ގޮންޖަހާފައެވެ. މީގެ އިތުރުން، ކުށުގެ އުންސުރު ފުރިހަމަ ނުވާ ދައުވާއެއް ކޮށްފައިވުމާއި، ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ބަލަހައްޓާފައި ނުވުމާއި، ކުރިން ކުށުގެ ރެކޯޑެއް ނެތީސް ރެކޯޑް އޮތް ކަމަށް ކަނޑައެޅުމުގެ އިތުރުން، މިފަދަ އެހެން މައްސަލަތަކުގައި ހިފަހައްޓާ މީހުންނާ މެދު އަމަލުކުރާ ގޮތާ ހިލާފަށް އޭނާއާމެދު ތަފާތުކޮށް އަމަލުކޮށްފައިވާ ކަމަށް އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވެއެވެ.
އިސްތިއުނާފު ކުރި ލަންކާ މީހާގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކޮށް މިނިވަން ކުރުމަށާއި، އޭނާގެ އަތުން އަތުލި ދެ ކިލޯގެ ރަން ހަތް ދުވަހުގެ ތެރޭގައި އަނބުރާ ރައްދު ކުރުމަށް އަމުރުކޮށްދިނުމަށެވެ. މައްސަލަ ބަލާ ބެންޗުން ވަނީ އިސްތިއުނާފީ ނުކުތާތައް އަޑުއެހުމަށްފަހު، އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާންކޮށްފައެވެ.
