ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ގެންނަ ބަދަލާ ދެކޮޅަށް ޕެޓިޝަނެއް
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުން ބިންތަކާއި ތަންތަން މައި ސަރުކާރުން ބޭނުން އިރެއްގައި ވަކިކޮށް، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް މި ބަދަލުތައް ގެންނަން ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުވި ނަމަވެސް، މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކީގައެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާއެކު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ. އަދި ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިންވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއަކަށް ބިމެއް ހޯދަން އެދެފިނަމަ، އެ ބިމެއް ސަރުކާރާ ހަވާލުކުރަން ޖެހޭނެއެވެ.
މީގެ އިތުރުން، ކައުންސިލަރުންގެ ސުލޫކީ މިންގަނޑަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށް ވަނީ ހިމަނާފައެވެ. އެގޮތުން މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމާއި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމުން ވަނީ މަނާކޮށްފައެވެ.
މި ބަދަލުތަކާ ދެކޮޅަށް ސޮއިކުރަމުން އަންނަ ޕެޓިޝަނުގައި ވަނީ، މިއީ ލާމަރުކަޒީ ގާނޫނުގެ އަސާސީ ރޫހާ މުޅިން ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
ކައުންސިލުތަކުގެ މައްޗަށް ސަރުކާރުގެ ބާރުވެރިކަން އިތުރުކުރަން މި ބަދަލުތައް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު ވެސް ވަނީ ކައުންސިލްތަކުން ދޭންޖެހޭ ހުއްދަތައް ނުދީފިނަމަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދައާއެކު މަޝްރޫއުތައް ކުރިއަށް ގެންދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައެވެ. ގާނޫނަށް އަލުން ބަދަލުތަކެއް މި ގެންނަނީ ސަރުކާރުން ބޭނުންވާ ބައެއް ބިންތައް، خصوصاً އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި ހުރި ބިންތައް ދިނުމުގައި މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
