މާލޭގެ 27 ގެއަކުން މަދިރި ފަނި ފެނިއްޖެ: މަދިރި އާލާވާ 600 އަށްވުރެ ގިނަ ތަން ފާހަގަކޮށްފި
މާލޭގައި މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މިދިޔަ މަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި 1,600 އަށްވުރެ ގިނަ ތަން ބަލައި ފާސްކުރިއިރު، މާލޭގެ 27 ގެއަކުން މަދިރި ފަނި ފެނިފައިވާ ކަމަށް އެ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޔުނިޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ޖުމްލަ 1,651 ގެއާއި އެހެނިހެން ތަންތަން ވަނީ ބަލައިފައެވެ. މި ތަންތަނުގެ ތެރެއިން މަދިރި އުފެދޭ ގޮތަށް ހުރި 606 ތަނެއް ފާހަގަކުރެވިފައިވާއިރު، 35 ތަނަކުން ވަނީ މަދިރި ފަނި ފެނިފައެވެ. އޭގެ ތެރޭގައި 27 ގެއެއް ހިމެނެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން މައްސަލަ ހުރި 157 ތަނަކަށް މަދިރި ބޭސް އަޅައި، މާލޭގެ ހަތަރު ބްލޮކެއްގެ ތަންތަނާއި ނުވަ މަގެއް ފޮގް ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ މަދިރި އާލާ ނުވާނެ ފަދަ ގޮތަކަށް ގޭގޭގެ މާހައުލު ބެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި ސިޓީ ކައުންސިލުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ.
ކައުންސިލުން މި މަސައްކަތް ކުރިއަށްދާއިރު، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް، ޚާއްސަކޮށް ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މި އަހަރުގެ ކުރީކޮޅު ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ޑެންގީގެ 2,000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މުޅި ޖުމްލަ އަދަދަށްވުރެ ވެސް އިތުރު އަދަދެކެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މި އަހަރު މި ބަލި އެންމެ ބޮޑަށް ފެތުރެނީ ކުޅުދުއްފުށި ސިޓީ، މާލެ ސަރަޙައްދު، ރ. އަތޮޅު އަދި އއ. އަތޮޅުގައެވެ. މީގެ އިތުރުން މޭ މަހުގެ ކުރީކޮޅުން ފެށިގެން ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.
މޫސުމީ ބަދަލުތަކާއި ވާރޭވެހުމުގެ ސަބަބުން ވައިގެ ތެތްކަން މަތިވެ، ޑެންގީ ފަތުރާ އީޑީސް މަދިރި އާލާވުމަށް މަގުފަހިވެއެވެ. މި މަދިރިއަކީ ގޭގޭގައި ގަސް އިންދަން ގެންގުޅޭ ތަކެއްޗާއި، އުކާލާފައި ހުންނަ ފުޅިއާއި މަތި ފަދަ ކުދިކުދި ސާފު ފެންފޮދުގައި ވެސް ބިސްއަޅާ އެއްޗެކެވެ. ސިއްހީ އިދާރާތަކުން ބާރުއަޅަނީ މަދިރި އާލާވާ ތަންތަން ނައްތާލުމުގެ އިތުރުން، ހަށިގަނޑު ނިވާވާ ފަދަ ހެދުންެ އެޅުމާއި މަދިރި ދުރުކުރާ ލޯޝަން ބޭނުންކޮށްގެން ފަރުދީ ޒިންމާ އަދާކުރުމަށެވެ.
