އަހަރީ ދުވަހުގެ ހިނގާލުމެއް ނޫން، އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް މަޖީދީމަގު ޑިމާންޑްކޮށްފި

ތަކެތީގެ އަގާއި ޑޮލަރުގެ ރޭޓު އިންތިހާއަށް އުފުލެމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ "ދަތިވެއްޖެ" މުޒާހަރާ ސީދާ މަޖީދީމަގުގައި ކުރިއަށް ގެންދިއުމަށް އެ ޕާޓީން ޑިމާންޑްކޮށްފިއެވެ. ބޭރު މަގުތަކުގައި ބާއްވާ ހިނގާލުންތަކަކީ ނަތީޖާއެއް ނެތް ކަމެއްގެ ގޮތުގައި ސިފަކޮށް، އެ ޕާޓީން ވަނީ މިއީ އާދައިގެ ފަރި ހިނގާލުމެއް ނޫންކަން ހާމަކޮށްފައެވެ.

މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. އެންމެ ފުރަތަމަ މި ހަރަކާތް މި މަހުގެ 12 ވާ ބުދަ ދުވަހުގެ ރޭ ބާއްވަން ތާވަލުކުރި ނަމަވެސް، ސަބަބު ހާމަކުރުމެއް ނެތި ފަހުން ވަނީ 13 ވާ ބުރާސްފަތި ދުވަހަށް ފަސްކޮށްފައެވެ.

މުޒާހަރާގެ ރޫޓާ ގުޅޭގޮތުން ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީން ބުނީ، މީގެ ކުރިން މަޖީދީމަގުގައި ބާއްވަން އުޅުނު ތިން މުޒާހަރާއަކަށް ފުލުހުން ހުރަސްއަޅާފައިވީ ނަމަވެސް، މިފަހަރު މަޖީދީ މަގު ނޫން އެހެން ތަނަކަށް މުޒާހަރާ ބަދަލުނުކުރާނެ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ރަސްމީ ޖަވާބެއް ނުލިބުނު ނަމަވެސް، މުޒާހަރާ އެ މަގުގައި ކުރިއަށް ގެންދިއުމަށް އެދެވޭ އިޝާރާތެއް ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަންވަރު އިބްރާހިމް ވިދާޅުވީ، މާލޭގެ ބޭރު މަގުތަކުގައި މުޒާހަރާ ކުރުމުން އޭގެ އަޑު އާންމު ރައްޔިތުންނާ ހަމައަށް ނުފޯރާނެ ކަމަށެވެ. "އަހަރެމެން މިއުޅެނީ އަހަރީ ދުވަހުގެ ހިނގާލުމެއް ބާއްވާކަށް ނޫން. ފަރިއަށް ހިނގާލުމެއް ބާއްވާކަށް ވެސް ނޫން، މިއުޅެނީ މުޒާހަރާއެއް ބާއްވަން،" އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖެހިފައި އޮތުމަށްފަހު ބާއްވާ މި ބޮޑު މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.