އިންތިޚާބާ ދިމާކޮށް އެޗްޑީސީއަށް މީހުން ވައްދައި، މުސާރައިގެ ހޭދަ ރެކޯޑު މިންވަރަކަށް މައްޗަށް

މިއަހަރު ބޭއްވި ކައުންސިލް އިންތިޚާބާ ދިމާކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން އިތުރުކޮށް، މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ މީގެ ކުރިން ދުވަހަކުވެސް ނުކުރާ މިންވަރަކަށް މައްޗަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ހޯދާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރީލް 4، 2026 ގައި ބޭއްވި ކައުންސިލް އިންތިޚާބާ ދިމާކޮށް އެޗްޑީސީއަށް ވަނީ އެތައް ސަތޭކަ މުވައްޒަފުންނެއް ނަގާފައެވެ. ސަރުކާރު ކުންފުނިތަކަށް ނާޖާއިޒު ގޮތުގައި މީހުން ވައްދައި ބޮޑެތި ހަރަދުތައް ކުރަމުންދާ ކަމަށް ބުނެ އިދިކޮޅުގައި އޮތް ދުވަސްވަރު ޕީއެންސީން ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ނަމަވެސް، ވެރިކަމާ ހަވާލުވުމަށްފަހު އެޗްޑީސީގެ މުވައްޒަފުންގެ އަދަދު ވަނީ އެމްޑީޕީގެ ސަރުކާރަށްވުރެ ވެސް އިތުރުވެފައެވެ.

އެޗްޑީސީން ދީފައިވާ މައުލޫމާތަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ކުންފުނީގައި ތިބީ ޖުމުލަ 2,141 މުވައްޒަފުންނެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ އަދަދު ވަނީ 2,410 އަށް އުފުލިފައެވެ.

މުވައްޒަފުންގެ އަދަދު އިތުރުވުމާ ގުޅިގެން، މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން 2023 ގެ ނޮވެމްބަރު މަހު މުސާރައަށް 32.7 މިލިއަން ރުފިޔާ ހޭދަވި އިރު، 2026 ވަނަ އަހަރުގެ ޖޫން މަހު އެޗްޑީސީން މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 40.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އެޗްޑީސީން އަހަރަކު މުސާރައާއި އިނާޔަތަށް ކުރާ ޖުމުލަ ހަރަދަށް ބަލާއިރު، 2023 ވަނަ އަހަރު 339.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ނަމަވެސް 2024 ވަނަ އަހަރު އެ އަދަދު 400.1 މިލިއަން ރުފިޔާއަށް އުފުލިފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް 229.8 މިލިއަން ރުފިޔާ ވަނީ މުސާރައަށް ހޭދަވެފައެވެ. މިއީ 2026 ވަނަ އަހަރުގެ ތެރޭގައި މަހަކު އެވްރެޖުން 38.3 މިލިއަން ރުފިޔާގެ ހޭދައެކެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު މަހެއްގެ މައްޗަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިތުރުވުމެކެވެ.

މުސާރައިގެ ހޭދަ މިހާ މައްޗަށް ގޮސްފައިވާއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް އަންގާފައެވެ. އެ ނިސްބަތަށް އެޗްޑީސީގެ މުވައްޒަފުން މަދުކުރާނަމަ 795 މުވައްޒަފުން ވަޒީފާއިން ކަނޑާލަން ޖެހޭނެއެވެ. އެއާއެކު ކުންފުނީގައި ތިބި ޖުމުލަ މުވައްޒަފުންގެ އަދަދު 1,600 އަށް ތިރިވާނެއެވެ.