ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދަން 6،000 އަށްވުރެ ގިނަ އަކަ މޭލު ބަލައިފި

ތިލަފުށިން ހިލައާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން 6،280 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ އެ ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ތިން ދުވަސް ވަންދެން ކުރި މަސައްކަތުން މިހާތަނަށް އެއިން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.

މި ހާދިސާގައި ކަނޑަށް ގެއްލިފައިވަނީ ދޯނީގެ މީހުން ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ދިޔަ އެމްއެންޑީއެފްގެ 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދާއި، ނ. މަނަދުއަށް ނިސްބަތްވާ 33 އަހަރުގެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް އަލީ ނާފިއުގެ އިތުރުން، ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ. ތ. މަޑިފުށިން ފުރައިގެން ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި އެ ދޯނީގައި ހާދިސާ ހިނގިއިރު ޖުމްލަ އަށް މީހުން ތިބިއިރު، އޭގެ ތެރެއިން ހަތް މީހަކު ވަނީ ހެޔޮހާލުގައި ސަލާމަތްކޮށްފައެވެ.

ގެއްލުނު ތިން މީހުން ހޯދުމަށް އެމްއެންޑީއެފުން ހިންގާ ބޮޑު އޮޕަރޭޝަނުގައި ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 1،070.10 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ވައިގެ މަގުން ހޯދުމުގެ މަސައްކަތުގައި އަސްކަރީ ޔޫއޭވީ ނުވަތަ ޑްރޯންތަކުގެ އިތުރުން ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް ވެސް ދަނީ ބޭނުންކުރަމުންނެވެ.

މި ތިން މީހުން ގެއްލުމާ ގުޅިގެން މުޅި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެ މީހުން ހެޔޮހާލުގައި ސަލާމަތުން ފެނުމަށް އެދި ދުއާކޮށް ޝުއޫރުތައް ފާޅުކުރަމުންނެވެ. ފަހަކަށް އައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާތީ، ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، އުޅަނދުތަކުގައި ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.