ރާއްޖޭގެ އިގްތިސާދު 'ސިންގަލް ކަރެންސީ' އަކަށް ބަދަލުކުރަން ފިރާގް ގޮވާލައްވައިފި

ރާއްޖޭގައި ފައިސާގެ މުއާމަލާތްކުރުމުގައި މިހާރު ގެންގުޅޭ "ގަދީމީ" އުސޫލުތައް މުޅިން ބަދަލުކޮށް، ރާއްޖޭގެ އިގްތިސާދު 'ސިންގަލް ކަރެންސީ އިކޮނޮމީ' އަކަށް ބަދަލުވާން ޖެހިފައިވާ ކަމަށް އިނާމޯލްޑިވްސްގެ ފައުންޑާ އަދި ސީއީއޯ މުޙައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބޭއްވި 'އިގްތިސާދުގެ ދެފަރާތް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިރާގް ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް ޑުއަލް ކަރަންސީ ސިސްޓަމުގެ ސަބަބުން އިގްތިސާދުގައި ބޮޑު އިންބެލެންސެއް އުފެދިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިސޯޓް އިންޑަސްޓްރީއަކީ މުޅިން ޑޮލަރުން މުއާމަލާތްކުރާ ދާއިރާއަކަށް ވާއިރު، ދިވެހިންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރަނީ ދިވެހި ރުފިޔާއެވެ.

މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ގާތްގަނޑަކަށް 280,000 އެއްހައި ބިދޭސީންނަށް ދޭ މުސާރައާއި އެމީހުން ހޯދާ އިތުރު ފައިސާއަކީ ކޮންމެ މަހަކު ޑޮލަރަށް ބަދަލުވެގެން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މަނިޓަރީ ސިޔާސަތު ޒަމާނީ ގޮތަކަށް ބަދަލުކޮށް، އިންވެސްޓަރުންނަށް ނުރައްކާ ނުވާނެހެން ސިންގަލް ކަރެންސީ އިކޮނޮމީއަކަށް ބަދަލުވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކް އޭޓީއެމްތަކުން ކޮންމެ ދުވާލަކު ނަގާ ގިނަ އަދަދެއްގެ ފައިސާއަކީ ހަމައެކަނި ދިވެހިންގެ ބޭނުންތަކަށް ނަގާ ފައިސާ ނޫންކަމާއި، އޭގެ ތެރޭގައި ފައިސާ ބޭރުވާ ގިނަ ލިންކްތަކެއް ހިމެނޭކަން ފިރާގް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ނުގަވައިދުން ވިޔަފާރިކުރާ ބޭރުގެ ގިނަ ފަރާތްތަކެއް އުޅޭކަމީ ދިވެހިންގެ އަތުން ކައްސާލާފައިވާ ކަމެއް ކަމަށްވާތީ، މުޅި ފައިސާއަކީ އިކޮނޮމީގެ ތެރޭގައި ހިފެހެއްޓިގެން ވަކި ސިސްޓަމެއްގެ ތެރެއިން ދައުރުވާ އެއްޗަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ފުޅާވަމުންދާ މިންވަރަށް ގާނޫނުތައް ހެދިފައި ނެތުމުން، މިހާރު އޮތް މަނިޓަރީ ޕޮލިސީ މުޅިން 'އޯވާހޯލް' ކޮށް، ޒަމާނާ ގުޅޭ ގޮތަށް ބަދަލުކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ފިރާގް ވިދާޅުވިއެވެ.