ސައުދީ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން ތާރީޚީ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިސްލާމީ ދުނިޔޭގެ އެންމެ ބާރުގަދަ ތިން ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން ތާރީޚީ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން މި ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދޭ ހަތިޔާރުގެ ހަމަލާއަކީ، ތިން ގައުމަށް ގުޅިގެން ދޭ ހަމަލާއެއްގެ ގޮތުގައި ބަލައި، އެކުގައި ދިފާއުވާން ވަނީ ކަނޑައަޅާފައެވެ.

މި އެއްބަސްވުން އިއުލާންކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ކުރިމަތިވެދާނެ އުދުވާނީ ހަމަލާތަކުން ގުޅިގެން ދިފާއުވުމުގެ ގާބިލުކަން ވަރުގަދަކުރުން ކަމަށެވެ.

މި ދިފާއީ އިއްތިހާދު އުފައްދާފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުކިއަމަންތެރިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނާއި އެ ގައުމަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ސައުދީ އަރަބިއްޔާއާއި ގަލްފުގެ އެހެން ގައުމުތަކުގެ އެކި ތަންތަނަށް ހަމަލާދީފައެވެ. ސައުދީ އަރަބިއްޔާއާއި ޕާކިސްތާނުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ވެސް ދެގައުމުގެ ދެމެދުގައި ދިފާއީ އެއްބަސްވުމެއް އިއުލާންކޮށްފައެވެ.

މައްކާގައި ސޮއިކުރި މި އެއްބަސްވުމާ ގުޅިގެން އީރާނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޝަނުގެ މެންބަރު އިބްރާހިމް ރެޒާއީ ވިދާޅުވީ، ތުރުކީއާއި ޕާކިސްތާނާއެކު ކަރުދާހުގައި ސޮއިކުރާ އެއްބަސްވުމަކުން ސައުދީއަށް ސަލާމަތްތެރިކަމެއް ނުލިބޭނެ ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން އެމެރިކާއިން ސައުދީގެ މަންފާ ނެގި ނަމަވެސް، އެމެރިކާގެ ފަރާތުން ވެސް ސައުދީއަށް ރައްކާތެރިކަން ލިބިފައިނުވާކަން ސައުދީން ގަބޫލުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.