އަމިއްލަ ފަރުދުންގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކެވި ބޭފުޅަކަށް މެންބަރު ސިޔާމް

ރާއްޖޭގައި އަމިއްލަ ފަރުދުންގެ ކެޓަގަރީން ދައުލަތަށް އެންމެ ގިނައިން އިންކަމް ޓެކްސް ދެއްކެވި ފަރާތަކަށް، ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ވެވަޑައިގެންފިއެވެ. މިކަމުގެ އަގުވަޒަންކޮށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ ޝަރަފުވެރި "ރަންލާރި އެވޯޑް" މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ އެ މަނިކުފާނަށް އަރުވާފައެވެ.

މީރާއިން މައުލޫމާތު ދިން ގޮތުގައި، ސިޔާމަށް މި އެވޯޑު ލިބިވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ޑިސެމްބަރު މަހުގެ ނިޔަލަށް ޓެކްސްގެ އިލްތިޒާމްތައް އެންމެ ފުރިހަމައަށް އަދާކުރައްވައި، އަމިއްލަ ފަރުދުންގެ ތެރެއިން އެންމެ ގިނައިން ފައިސާ ދައްކަވާފައިވާތީއެވެ. މިއީ ކުރިން ނަގަމުން އައި ބިޒިނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ގެ ބަދަލުގައި، 2020 ވަނަ އަހަރު އަމަލުކުރަން ފެށި އިންކަމް ޓެކްސް ގާނޫނުގެ ދަށުން މި އެވޯޑު ދިން ފުރަތަމަ ފަހަރެވެ.

ރަންލާރި އެވޯޑަކީ ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނަށް ބޯލަނބާ މިންވަރު އިތުރުކުރުމަށާއި، ބަރާބަރަށް ޓެކްސް ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. 2019 ވަނަ އަހަރަށްފަހު މެދުކެނޑިފައި އޮތުމަށްފަހު، މި އެވޯޑު އަލުން ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މި ހަފްލާގައި ސިޔާމްގެ އިތުރުން އެހެނިހެން ކެޓަގަރީތަކުން ވެސް ގިނަ ވިޔަފާރިތަކަކަށާއި އަމިއްލަ ފަރުދުންނަށް އެވޯޑު ދީފައިވެއެވެ. މީގެ ކުރިންވެސް ސަން ސިޔާމް ގުރޫޕުން ގަވާއިދުން ޓެކްސް ދައްކާތީ، މީރާއިން ވަނީ އެކަން ފާހަގަކޮށް އެވޯޑު ދީފައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ގުނާލެވޭ ސިޔާމްގެ ވިޔަފާރިތަކަކީ ބޭރުގެ މާލީ އިދާރާތަކުން ބޮޑު އިތުބާރެއް ކުރާ ވިޔަފާރިއެކެވެ. އެ މަނިކުފާނު މީގެ ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ވިޔަފާރީގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ ބޭރުގެ ބޭންކްތަކާއި އިންވެސްޓަރުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އިތުބާރެވެ. ސަން ސިޔާމް ގުރޫޕުން މިހާރު ވެސް ރާއްޖޭގައި ފެންވަރު ރަނގަޅު ފަސް ރިސޯޓެއް ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސިޔާމް ވޯލްޑް، އިރުފުށި، ވިލުރީފް، އިރުވެލި އަދި އޮޅުވެލި ހިމެނޭއިރު، ސްރީލަންކާގައި ވެސް އެ ކުންފުނިން އަންނަނީ ރިސޯޓެއް ހިންގަމުންނެވެ.