ފާއިތުވި 10 ދުވަސް ތެރޭގައި ބަންގްލަދޭޝްގެ 8 މީހަކު ރާއްޖޭގައި މަރުވެއްޖެ

ފާއިތުވި 10 ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވާ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނާ ހަވާލާދީ ބަންގްލަދޭޝްގެ "ވިއުސް" ނޫހުން ރިޕޯޓްކުރުމާ ގުޅިގެން، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 21 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެން މަސައްކަތްތެރިންނެވެ. ޖުލައި 25 އިން އޮގަސްޓް 3 އަށް ހިނގި މި ހާދިސާތަކުގައި، ޖުލައި 25 ގައި އުމުރުން 23 އަހަރުގެ ރޮބިއުލް އިސްލާމް ރައުޝަން މަރުވީ މަސައްކަތުގެ މައިދާނުގައި ހިނގި އެކްސިޑެންޓެއްގައެވެ. އޭގެ ފަހުން ޖުލައި 27 ގައި އުމުރުން 45 އަހަރުގެ ހުމާޔޫން ކަބީރު އަދި ޖުލައި 28 ގައި އުމުރުން 47 އަހަރުގެ މޮގްބުލް މިއާ މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ. ޖުލައި 30 ގައި 45 އަހަރުގެ ޝެއިޚް ފަރީދު މަރުވީ ހަކުރު ބަލީގެ ސަބަބުން ދިމާވި ސްޓްރޯކެއްގައެވެ.

އޮގަސްޓް 1 ވަނަ ދުވަހު ނުރައްކާތެރި ދެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން އުމުރުން 21 އަހަރުގެ ސޮލައިމާން މަޓައްބަރު މަރުވީ މަސައްކަތްކުރާ ތަނުން އޮޅިގެން 'ޓާޕަންޓައިން' ބޮވިގެން ފަރުވާ ދެމުންދަނިކޮށެވެ. ޓާޕަންޓައިންއަކީ ސާފުކުރަން ބޭނުންކުރާ ޑިސްއިންފެކްޓެންޓާއި ދަވާދު ފަދަ އެއްޗެހީގައި ހިމެނޭ ކެމިކަލެކެވެ. ހަމަ އެ ދުވަހު 44 އަހަރުގެ ސައިދު މުއްލާ ސްޓްރޯކެއްގައި މަރުވި އިރު، 37 އަހަރުގެ ބަދީއުއްރަހުމާން ފެނުނީ އަމިއްލައަށް މަރުވެފައި އޮއްވައެވެ. އެންމެ ފަހުން އޮގަސްޓް 3 ގައި މަރުވީ ޓްރީޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ އަންބެއް ކަމަށްވާ އުމުރުން 70 އަހަރުގެ ދިލްވާރާ ނަބީއެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ފާހަގަކުރާ ގޮތުގައި، މިފަދަ ސިއްހީ ކުއްލި މައްސަލަތައް އިތުރުވަނީ އާއިލާއާ ދުރުގައި ގިނަ ދުވަހު އުޅެންޖެހުމާއި، މާލީ ދަތިތަކާއި، ނަފްސާނީ ބޮޑެތި ފިއްތުންތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ 590،079 މީހުންގެ އާބާދީގެ ތެރެއިން 196،024 އަކީ ބިދޭސީންނެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 ޕަސެންޓަކީ ބިދޭސީންނެވެ. މީގެ ތެރެއިން ބަންގްލަދޭޝް މީހުންގެ އަދަދު 90,624 އަށް އަރާއިރު، ވަޒީފާ ދޭ ފަރާތްތަކުން ޕާސްޕޯޓު ހިފެހެއްޓުމާއި မުސާރަ ނުދިނުން ފަދަ ހައްގުތަކުން މަހުރޫމުކުރުމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް ގައުމަށް ފޮނުވާލުމުގެ މަސައްކަތް ދިވެހި ސަރުކާރާ ގުޅިގެން ހައިކޮމިޝަނުން ކުރަމުންދާއިރު، ދެ މީހެއްގެ ހަށިގަނޑު މިހާރު ވަނީ ގައުމަށް ފޮނުވާލާފައެވެ.