ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ ބިން ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަނީ
ރަށްރަށާއި ސިޓީތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން، ރަށްރަށުގައި މަޝްރޫއުތައް ހިންގުމުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ. ނިމާލް މިހެން ވިދާޅުވީ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލަކަށް ނިސްބަތްވާ ރަށެއްގައި ނުވަތަ ސިޓީއެއްގައި ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދާނަމަ، އެ ކަމަކަށް ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. އަދި މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫއަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުމާއި، މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް އެ ބިލުގައި ކަނޑައަޅާފައިވެއެވެ. މި އިސްލާހުގެ ދަށުން، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމަށް، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް، އެފަދަ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ސަރުކާރަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އެލްޖީއޭގެ ސީއީއޯ ނިމާލް ވިދާޅުވި ގޮތުގައި، ސަރުކާރުން ރަށެއްގައި މަޝްރޫއެއް ހިންގުމަށް ބިން ބޭނުންވި ނަމަވެސް ބައެއް ކައުންސިލްތަކުން އެ ބިން ދޫކުރަން ފަސްޖެހޭ ކަމުގެ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބެމުންދެއެވެ. ރައްޔިތުންނަށް ހިދުމަތްކުރުމުގެ އިތުރުން ކައުންސިލްތަކަކީ ސަރުކާރުން މަޝްރޫއުތައް ހިންގާއިރު އެ ކަމަށް މަގުފަހިކޮށްދޭ ފަށަލައެއް ކަމަށާއި، އެ އެއްބާރުލުން ކޮންމެ ކައުންސިލަކުން ވެސް ދޭންވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބިލު ހުށަހެޅުއްވި މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ވިދާޅުވީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. އަދި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމަކީ ވެސް މި އިސްލާހުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ބާރުތަކާ ގުޅޭ ގާނޫނަށް ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވާއިރު، ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން، ފިނޭންސް މިނިސްޓްރީ އަދި އެލްޖީއޭއިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތަށް މިދިޔަ އަހަރު ވެސް ލާމަރުކަޒީ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދިނުން ފަދަ ކަންކަން ބައެއް ކައުންސިލުތަކުން ކޮށް، މަޝްރޫއުތައް ހިންގަން ހުރަސްއަޅާ ކަމަށް ސަރުކާރުގެ އިސްވެރިން މީގެ ކުރިން އެކި ފަހަރު މަތިން ވިދާޅުވެފައިވެއެވެ.
