އިންޝުއަރެންސްގެ ދަތިތަކާ ހުރެ އެލައިޑް ހާޒިރުކުރި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖެއާއި ބޭރު ގައުމުތަކުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެ، އެލައިޑް އިންޝުއަރެންސް ކުންފުނި ހާޒިރުކުރި އާންމު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މިއަދުގެ ބައްދަލުވުން ފެށްޓެވުމަށްފަހު ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ، މިދިޔަ އަންގާރަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ދެއްކެވި ވާހަކަތައް ނޫސްވެރިން ރިޕޯޓުކުރީ ހަގީގަތާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މެންބަރުން ދެއްކެވީ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދުމުގައި ދިމާވާ ޑިލޭތަކާއި، އެއްބަސްވެފައިވާ ގޮތަށް ޚިދުމަތް ނުލިބުމުގެ ޝަކުވާއެވެ.
ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވަނީ، މެންބަރުންގެ ވާހަކަތައް ނޫސްތަކުގައި "އޮޅުވައިލައިގެން" ގެނެސްދީފައިވާ ކަމަށް ބުނެ، މިއަދުގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހަޅުއްވާފައެވެ. ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ތާއީދުކުރެއްވި މި ހުށަހެޅުން ކޮމިޓީގެ އިއްތިފާގުން ފާސްވުމާއެކު، އެލައިޑާއެކު ބޭއްވި ބައްދަލުވުން ވަނީ ގަޑިއިރެއް ވަންދެން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ޚިދުމަތާ މެދު ހިތްހަމަނުޖެހިގެން އެލައިޑް ހާޒިރުކުރިއިރު، މަޖިލިސް މެންބަރުންނަކީ ދައުލަތުން ބޮޑު މުސާރައާއި އިނާޔަތްތަކެއް ލިބޭ ބައެކެވެ. ނަމަވެސް، އެ މުސާރައާ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ އާންމުން އަބަދުވެސް ކުރެއެވެ.
ޚާއްސަކޮށް، ފަހަކަށް އައިސް މަޖިލީހުގެ ރަސްމީ ޖަލްސާތައް ނުބޭއްވުމާއި، ކޮމިޓީ ބައްދަލުވުންތައް ކެންސަލްވާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ މަޖިލީހަށް އަމާޒުވެފައެވެ.
