ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓަކީ ބިދޭސީން: ހެލްތު މިނިސްޓަރު

ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީ ޑޮކްޓަރުން ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ޚިދުމަތް މިހާރު ވެސް ފޯރުކޮށްދެމުންދަނީ ބޮޑު ބައެއް ބިދޭސީ ޚިދުމަތްތެރިންގެ މައްޗަށް ބިނާވެގެން ކަމަށެވެ. އެގޮތުން މިހާރު ޚިދުމަތުގައި ތިބި ޑޮކްޓަރުންގެ 60 ޕަސެންޓަކީ ބިދޭސީންކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، މުޅި ސިއްހީ ދާއިރާގައި 12,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މީގެ ތެރެއިން 7,000 އަށްވުރެ ގިނަ މުވައްޒަފުން އަތޮޅުތަކުގެ ރަށްރަށުގައި ހަރަކާތްތެރިވާއިރު، މާލޭ ސަރަހައްދުގައި 5,000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އާންމުވެފައެވެ. އަދި މުޅި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ ޖުމްލަ އަދަދު 3,400 އަށްވުރެ މަތި ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ގިނަ ދިވެހި ޚިދުމަތްތެރިންނާއެކު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޤީލާ ވިދާޅުވިއެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް ތަމްރީނުތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރަކު ވެސް ތައުލީމު ނިންމައިގެން ގިނަ ދިވެހި ޑޮކްޓަރުން ސިއްހީ ޚިދުމަތާ ގުޅެމުންދާއިރު، މިއަހަރުގެ މިހާތަނަށް ސްޕެޝަލިސްޓު ތަމްރީނުތައް ނިންމުމަށްފަހު 16 ދިވެހި ޑޮކްޓަރަކު ވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިވަޑައިގެންފައެވެ.