ހިންމަފުށީ ރިހެބުގެ ހާލަތާ މެދު ކަންބޮޑުވުން އުފެދި، މިނިސްޓަރު އިހުސާނާ ސުވާލުކުރަން މަޖިލީހަށް ހުށަހަޅައިފި
ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ އިމާރާތްތައް ބާވެ، ސާފުތާހިރުކަމާއި ދެވޭ ފަރުވާގެ ފެންވަރާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، އެ ކަންކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ ބަލިމީހުން އަލުން މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ދިއުމުގެ ބިރު އޮތްކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ، އެ މަރުކަޒުގެ ހާލަތާއި ހިންގުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ޖުމްލަ 10 ސުވާލެއް ހުށަހަޅުއްވާފައެވެ. މި ސުވާލުތައް އަމާޒުކުރައްވާފައިވަނީ ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ މީހުންގެ އާއިލާތަކުން ފާޅުކުރަމުންދާ ޝަކުވާތަކަށް އަލިއެޅުއްވުމުގެ ގޮތުންނެވެ.
މެންބަރު ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި، ހިންމަފުށީ ސެންޓަރުގައި ހިންގާ ޕްރޮގްރާމްތަކަކީ ޒަމާނީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާތަކެއްތޯ ސާފުކުރުން ހިމެނެއެވެ. އަދި އެ ތަނުގެ ފަރުވާގެ ކަންކަން ޔޫއެންއޯޑީސީ އާއި ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ފެތޭތޯ ބެއްލެވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
އަސާސީ ޚިދުމަތްތަކުގެ ހާލަތަށް އަލިއަޅުއްވައި، މަރުކަޒުގެ ބާވެފައިވާ އިމާރާތްތަކާއި، ފާޚާނާއާއި ނިދާ ކޮޓަރިތަކުގެ ނާޒުކު ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު މެންބަރު ވަނީ ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން ފަރުވާ ހޯދާ މީހުންނަށް ދޭ ކާބޯތަކެތީގެ ފެންވަރު މަތިކުރުމަށާއި، މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން ބެލުމާއި ތަމްރީނު ދިނުމުގެ އުސޫލުތައް ލިޔުމުން ހުރިތޯ ވެސް ވަނީ ސާފުކުރައްވާފައެވެ. ނަފުސާނީ ބަލިތަކަށް އެހީތެރިވާ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރާނެ މެކޭނިޒަމްތަކާ މެދުވެސް ސުވާލު ކުރައްވާފައިވެއެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، މެންބަރު ކުޑޫ ވަނީ އާންމު މަސްލަހަތާ ގުޅިފައިވާ މި ކަންކަމަށް ވީ އެންމެ އަވަހަކަށް ޖވާބު ދެއްވުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފައެވެ.
މި މައްސަލަތައް މަޖިލީހަށް ހުށަހަޅާފައިވާއިރު، ހިންމަފުށީގައި މިހާރު ހުރި ސެންޓަރުން އެންމެ އެދެވޭ ގޮތުގައި ފަރުވާގެ ކަންކަން ކުރިއަށް ނުދާކަން ގަބޫލުކުރައްވައި، އެ ތަނުގައި 500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭނެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށް ތައްޔާރުވަމުންދާކަން މިނިސްޓަރު އިހުސާން ވަނީ ފާހަގަކުރައްވާފައެވެ.
